English Edition
Dhivehi Edition

ރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އުރީދޫ ފަން ރަން 2026” ގެ މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ފުރަތަމަ އިންޑިއަން އައިޑޮލް ކާމިޔާބުކުރި އަބިޖީތު ސާވަންތު ހުށަހެޅުންތައް ހުށަހަޅައިދޭނެކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

މި މިއުޒިކް ޝޯ އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އުރީދޫން ބުނި ގޮތުގައި، އިންޑިއަން އައިޑޮލް ބަލަމުން އަދި ބޮލީވުޑް ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް އަބިޖީތުގެ ލައިވް ހުށަހެޅުންތައް ފެނިގެންދިއުމަކީ ކުރީގެ ހަނދާންތައް އާވެ، އާއިލާއާއި ރަހުމަތްތެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބޭނެ ހާއްސަ ފުރުސަތެކެވެ.

2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި އަބިޖީތު ވަނީ ވިއްސަކަށް އަހަރުވީ އޭނާގެ މިއުޒިކީ ހަޔާތުގައި “މޮހައްބަތޭން ލުޓާއުންގާ” ފަދަ މަގުބޫލު އަމިއްލަ ލަވަތަކުގެ އިތުރުން، “އާޝިގް ބަނާޔާ އާޕްނޭ” އަދި “ތީސް މާރް ޚާން” ފަދަ ބޮލީވުޑް ފިލްމުތަކަށްވެސް ލަވަކިޔައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ 2024 ވަނަ އަހަރު ބޭއްވި ބިގް ބޮސް މަރާޓީ ސީޒަން 5 ގެ ދެވަނަވެސް ހޯދާފައެވެ.

މިއުޒިކް ޝޯއަށްފަހު، އުރީދޫ ފަން ރަންގެ 5 ކިލޯމީޓަރުގެ ކުލަގަދަ ދުވުން އޮންނާނީ ޑިސެންބަރު 11 ވަނަ ދުވަހުގެ ހަވީރު 15:45 އިން 18:00 އަށެވެ. އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއްގައި އިންފްލޭޓަބަލްސްއާއި، ކުލަޖެހުމާއި، ފޯމް ޕާޓީގެ އިތުރުން ލަކީ ޑްރޯއާއި ކާބޯތަކެތީގެ ސްޓޯލްތައް ހުންނާނެއެވެ. މިދިޔަ އަހަރު ބޭއްވި މި ހަރަކާތުގައި 7،500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.