English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އެއާކާގޯއިން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވައިގެން ތިން ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ، ވެށި، މުހައްމަދު ޒިޔާދު (28އ) އާއި، ސ. މަރަދޫފޭދޫ، ނިލަމެހިގެ، އިސްމާއީލް ނަސީރު (45އ) އެވެ.

ފުލުހުން ބުނީ އެއާކާގޯއިން އެ މީހުން ރާއްޖެ އެތެރެކުރި މުދަލުގެ ތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.