ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓާނުލައި، އެއީ މި ސަރުކާރުގެ ވެސް އަމިއްލަ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ދެކިގެން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭ ގޮތުން މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައި ހުއްޓިފައި ހުރި ޕްރޮޖެކްޓްތައް ހުއްޓާލުމަށް ފަހު އާ މަޝްރޫއުތައް ފެށުމުގެ ފުރުސަތު މި ސަރުކާރަށް އޮތް ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރުން އިސްކަން ދިނީ ކުރިން ފަށާފައިވާ މަސައްކަތްތައް އެއްކައިރި ނުކޮށް ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ އަހަރަށް ވުރެ ކުޑަކޮށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާފައި އޮތީ ވެސް މިހާރު ފަށާފައި ހުރި މަޝްރޫއުތައް ނިންމަން ފަސޭހަވާނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށާއި، ފަށާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް އިސްކަންދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
“އަޅުގަނޑު ހަމަ ދަންނަވާލަން އޮތީ މި ސަރުކާރު އައި އިރު ފެށިފައި، ހުއްޓިފައި ހުރި މަޝްރޫއުތައް ހުއްޓާލާފައި މި ސަރުކާރުގެ އެޖެންޑާއާއިގެން ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅެވެން އޮތޭ. އެހެން ނަމަވެސް ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ވެސް އަމިއްލަ ޕްރޮޖެކްޓްތައް ކަމަށް ދެކިގެން އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީ،” މިނިސްޓަރު ވިދާޅުވި އެވެ.
ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، އެކަމަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން ފަހުން އެ މަސައްކަތްތައް އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމްޑަބްލިއުއެސްސީއަށް ވެސް ފުރަތަމަ ކޮޅު ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.