ނޭޕާލް އާއި ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ނޭޕާލް އަދި ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިންނަށް އިވެކުއޭޝަން ފްލައިޓްތަކުގައި ވަރަށް އަވަހަށް އަނބުރާ ޤައުމަށް އައުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
Very glad to announce that Maldivians stranded in #Nepal & #Bangladesh will soon have the opportunity to return home via evacuation flights. This is testimony to the close cooperation between the Govts of ?? & ??; and great efforts by @MNDF_Official & Bangladesh Armed Forces.
— Abdulla Shahid (@abdulla_shahid) April 18, 2020
އަދި މިއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ސަރުކާރާ އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށާއި، މިކަމަކީ އެމްއެންޑީއެފް އާއި ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ކުރާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ ބަންގްލަދޭޝްގައި ތިބި 51 ދިވެއްސަކާއި ނޭޕަލްގައި ތިބި 18 ދިވެއްސެކެވެ. އެ މީހުން ރާއްޖެ ގެންނަނީ ބަންގްލަދޭޝްގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގަ އެވެ.
އެ ބޯޓުން މާލެ އައުމަށްޓަކައި ނޭޕާލްގައި ތިބި ދިވެހިން މާދަމާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފުރާނެ އެވެ. އަދި އެ ފްލައިޓުގައި ރާއްޖެ އައުމަށް ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ތިބި ދިވެހިން އިއްޔެއިން ފެށިގެން ޑާކާ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ފޮރިން މިނިސްޓަރ ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދެ ފަހަރެއްގެ މަތިން ފޯނުން ގުޅުއްވައި މަޝްވަރާވެސް ކުރައްވައިފަ އެވެ.
ހޯމަ ދުވަހު ބަންގްލަދޭޝް އިން އަންނަ އަސްކަރީ މަތިންދާ ބޯޓުގައި ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުގެ 10 މެންބަރުންގެ މެޑިކަލް ޓީމެއްވެސް އަންނާނެ އެވެ. މީގެ އިތުރުން ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރާ 100 ޓަނުގެ މެޑިކަލް ސަޕްލައި ހިފައިގެން މިދިޔަ އަންގާރަ ދުވަހު ފުރި މަނަވަރު އަންނަ ހަފްތާގައި މާލެއަށް ބަނދަރުކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.