English Edition
Dhivehi Edition
ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެ މުއާޙަދާގެ ރޯލު މިހާރަށްވުރެ ހަރުދަނާކޮށް އެއަށް އަމަލުކުރުމަށް އދ ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ކަނޑުތަކާ، ކަނޑުތަކުގެ ގާނޫނާ ބެހޭ ގޮތުން އދ. ގެ އާންމު މަޖިލީހުގައި ބޭއްވި ޕްލިމިނަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިފެށޭ 2022 ވަނަ އަހަރަކީ ކަނޑުގެ ދިރުންތައް ހިމެނޭ ގޮތަށް، ތިމާވެށްޓާއި ގުޅޭ މުހިންމު ބައްދަލުވުންތައް ބޭއްވޭނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

އަންނަ އަހަރަކީ ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މުއާޙަދާއަށް ސާޅީސް އަހަރު ފުރޭ އަހަރުކަން ވެސް އދ ގެ ޢާންމު މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރ ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން، ކަނޑުތަކާ ގުޅުންހުރި ހުރިހާ ސިނާއަތްތަކަށާއި، ހުރިހާ ދާއިރާތަކަކަށް އަސަރުކޮށްފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

އެގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ، އެކަމަކީ ކަނޑުތަކާ މުޖުތަމައު ގުޅިލާމެހިފައިވާ މިންވަރާއި، މިހާރުން މިހާރަށް އަދި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ސަބަބު ހަނދާންކޮށްދޭ ކަމެއްކަމަށެވެ.

މި މައްސަލަތަކާއި ނުރައްކާތަކަކީ އެންމެންނަށްވެސް އެނގޭ ކަމަކަށްވީނަމަވެސް، މިކަމުގައި އަމަލީގޮތުން މަސައްކަތްކުރުން ލަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ މަލްޓިލޭޓަރަލިޒަމްގެ އެހީތެރިކަމާއެކު ކަނޑުގެ ގާނޫނާ ބެހޭ އޮނިގަނޑެއް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ބަލައިގަނެވިއްޖެ ކަމަށާއި، އދ. ގެ މަޖިލީހަކީ ކަނޑުގެ މައްޗަށް ދުނިޔޭގެ ފެންވަރުގައި ގަވަރނަންސެއް ގާއިމްކުރުމުގައި ކޮންމެހެން ބޭނުންތެރި މަޖިލީހެއް ކަމަށެވެ.