English Edition
Dhivehi Edition
އޭއީއެޗް

މާކެޓް އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ލެބޯޓަރީ ތަކެތި ގަތް މައްސަލައެއްގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރުމާ މެދު މި ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ދައުވާކުރުމާ މެދު އެ އޮފީހުން އަދި ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް، މި ހަފްތާގައި އެކަމާ މެދު ގޮތެއް ނިންމާނެއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ، އާންމުކޮށް 34،000 ރުފިޔާއަށް ގަނެވެން ހުރި ލެބޯޓަރީ ކޮންސިއުމަބަލްސް އައިޓަމެއް 1،765،800 ރުފިޔާއަށް ގަނެފައިވާ މައްސަލައެއްގައެވެ.

މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވާ ފަރާތްތައް:

  • މުހައްމަދު ސާއިން އަހްމަދު (ފިޔަނޫމާގެ، ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރު އަދި ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް
  • އަޒީމް ލަތީފް (އެވެރެސްޓު، ސ. ހިތަދޫ) – ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު އަދި ބިޑު ކޮމިޓީގެ ޗެއާޕާސަން
  • އަބްދުﷲ ވަހީދު (ތައުރުއްގެ، ސ. ހިތަދޫ) – ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު އަދި ބިޑު ކޮމިޓީގެ މެންބަރު
  • ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ، ސ. ހިތަދޫ) – ޕީޑިއެޓްރީޝަން އަދި ބިޑު ކޮމިޓީގެ މެންބަރު

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އޭއީއެޗާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ 40،000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ އިއުލާނާ ގުޅިގެން ބީލަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށްވާއިރު، އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ގަނެފައިވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.