ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރުމާ ގުޅިގެން، ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، “ޔޫއެސް އެއާ ކޮލިޓީ އިންޑެކްސް” އިން ދައްކާ ގޮތުގައި އުތުރާއި މާލެ ހިމެނޭ ސަރަހައްދުގެ ވައި ވަނީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ނުސާފުވެފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި (168)، މާލެ (163)، ށ. ފުނަދޫ (157) އަދި ކ. ވިލިނގިލި (156) ހުރީ “ރަތް ސަމާލު” ލެވެލްގައެވެ. މީގެ އިތުރުން އައްޑޫ ސިޓީ (75)، ފުވައްމުލައް ސިޓީ (73)، ލ. ގަން (69) އަދި ދ. ކުޑަހުވަދޫ (66) ހުރީ “ރީނދޫ ސަމާލު” ލެވެލްގައެވެ.
ރާއްޖޭގެ ވައި ސާފު މިންވަރު ވަގުތުން ވަގުތަށް ބެލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ ވެބްސައިޓު ނުވަތަ އައިކިއު އެއާ ވެބްސައިޓް އަދި އައިކިއު އެއާ ވިޝުއަލް މޮބައިލް އެޕްލިކޭޝަން ބޭނުންކުރުމަށްވެސް އެޗްޕީއޭއިން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.