English Edition
Dhivehi Edition
މާލެ ސަރަހައްދުގައި ވައި ނުސާފުވެފަ: ފޮޓޯ ކޮރަލްގްލާސް

މިއަދު މާލެއާއި ކުޅުދުއްފުށީ ސިޓީއަށް ވައި ވަރަށް ބޮޑަށް ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިގެ ކޮލިޓީ ދަށްވުމާ ގުޅިގެން އެ ދެ ސަރަހައްދަށް ރަތް ސަމާލު (ރެޑް އެލާޓް) ނެރެފިއެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ އައިކުއެއާ އެޕްގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ. އެ ސިޓީގެ ވައިގެ ކޮލިޓީ ހުރީ 165 ގައެވެ. މީގެ އިތުރުން ވިލިމާލޭގެ ވައިގެ ކޮލިޓީ 160 ގައި ހުރިއިރު، މާލޭގެ ވައިގެ ކޮލިޓީ ހުރީ 159 ގައެވެ. މިއީ 151 އާއި 200 އާ ދެމެދުގެ “އަންހެލްތީ” ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރެވެ. ނަމަވެސް މިއަދު މެންދުރު 12:00 އިން ފެށިގެން މާލޭގެ ވައި ކޮންމެވެސް ވަރަކަށް ސާފުވާން ފަށާނެ ކަމަށް އައިކުއެއާއިން ލަފާކުރެއެވެ.

ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ހުރީ މޮޑަރޭޓް ލެވަލް (51 އާއި 100 އާ ދެމެދު) ގައެވެ. އެގޮތުން ހުޅުމާލޭގައި ވައިގެ ކޮލިޓީ 71 ގައި ހުރިއިރު، އައްޑޫ ސިޓީގައި ހުރީ 70 ގައެވެ. އާންމު ގޮތެއްގައި ވައިގެ ކޮލިޓީ އެންމެ ރަނގަޅު މިންވަރަކީ 50 އަށްވުރެ ދަށުގައި ހުރުމެވެ.

ވައި ތަޣައްޔަރުވުމަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ނުރައްކާތެރި ކަމަކަށް ވާއިރު، ހާއްސަކޮށް ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ.