English Edition
Dhivehi Edition
ރައީސް ނަޝީދު

ރަސްމާލޭގައި ހިންގަން ނިންމާފައިވާ “މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ” ރެސިޑެންސީ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނަމަވެސް، އެކަން ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، ބޮޑެތި މަޝްރޫއުތައް ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ އަޣުލަބިއްޔަތުގެ ތާއީދާއި ރުހުން އޮވެގެން ކަމަށެވެ.

ސަރުކާރުން ރިފަރެންޑަމަކަށް ނުގޮސް މި މަޝްރޫއު ކުރިއަށް ގެންދާ ނަމަ، އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދައުލަތުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ބާތިލް ކުރާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުން ދޭދޭ ގައުމުތަކާ އޮންނަ ގުޅުން ގޯސްވެ، ދައުލަތުން ބޮޑެތި ބަދަލުތައް ދޭން ޖެހިދާނެ ކަމަށް ނަޝީދު އިންޒާރު ދެއްވިއެވެ.

މީގެ އިތުރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް މި މަޝްރޫއު ދިނުމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހު އެމްޑީޕީން އިސްނަގައިގެން އިހުތިޖާޖެއް ބާއްވާނެ ކަމަށާއި، އެ ހަރަކާތުގެ އެންމެ ކުރީގައި ތިބޭނީ އެމްޑީޕީ ކަމަށް ވިދާޅުވިއެވެ. އަދި ރެސިޑެންޝަލް މަޝްރޫއުތައް ހިންގަން ބޭރުގެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކޮންމެހެން ބޭނުން ނުވާ ކަމަށާއި، އައްޑޫ ހުޅުދޫ ކައުންސިލުން ފާސްކުރި ފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި އެބަހުރި ކަމަށް ފާހަގަކުރެއްވި އެވެ.

އަނެއްކޮޅުން، 12 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅޭގޮތުން އާންމު ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ގާނޫނުގެ ބިލުގައި ދިވެހި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ވަރަށް ފުރިހަމައަށް ހިމާޔަތް ކުރެވިފައި ވާނެ އެވެ.