އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އެންމެ ބޮޑަށް ހޯދަމުންދާ 10 ކުށްވެރިންގެ ލިސްޓުގައި، އިންޑިއާގެ ގޭންގްސްޓާރު ލޯރެންސް ބިޝްނޯއީގެ ގާތް އެހީތެރިއެއް ކަމަށްވާ ސަތިންދަރުޖީތު ސިންގް ނުވަތަ ގޯލްޑީ ބްރާރު ހިމަނައިފިއެވެ. އަދި އޭނާ ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ދޭ ފަރާތަކަށް 1 މިލިއަން ޑޮލަރުގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
އެމެރިކާގެ ކޯޓަށް ހުށަހަޅާފައިވާ ދައުވާގައިވާ ގޮތުން، ގޯލްޑީ ބްރާރަކީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކުށުގެ ނެޓްވޯކެއްގައި ލޯރެންސް ބިޝްނޯއީގެ އެންމެ އިތުބާރު ކުރެވޭ އެއް ލެފްޓިނެންޓެވެ. އޭނާގެ މައްޗަށް ކުރެވޭ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި މީހުން މެރުމާއި، މީހުން ވަގަށް ނެގުމާއި، ބިރުދައްކައިގެން ފައިސާ ހޯދުމާއި، ތަންތަނުގައި ހުޅުޖެހުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހިމެނެއެވެ.
އެފްބީއައިގެ ލިސްޓުގައި ބްރާރު ހިމަނާފައި މިވަނީ، އިންޑިއާއަށް ނިސްބަތްވާ ބައިނަލްއަގުވާމީ ކުށުގެ ގޭންގުތައް ހުއްޓުވުމަށް އެމެރިކާގެ ފެޑެރަލް އިދާރާތަކުން އަހަރުތަކެއް ވަންދެން ހިންގި ތަހުގީގަކަށް ފަހު، ޖުލައި 7 ވަނަ ދުވަހު އިއުލާނުކުރި “އޮޕަރޭޝަން ހާޑްބޯލް”އާ ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ އިދާރާތައް ގުޅިގެން ބިޝްނޯއީ ގޭންގަށް ނިސްބަތްވާ 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ބްރާރު ހިމެނޭހެން ޖުމްލަ 37 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
އެމެރިކާގެ އިތުރުން ކެނެޑާގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އެ ގައުމުގައި އެންމެ ބޮޑަށް ހޯދާ ކުށްވެރިޔާގެ ގޮތުގައި ގޯލްޑީ ބްރާރު ކަނޑައަޅައި، އޭނާ ހައްޔަރުކުރެވޭ ފަދަ މައުލޫމާތެއް ދޭ ފަރާތަކަށް 250,000 ޑޮލަރާ ހަމައަށް އިނާމު ދޭނެކަން އިއުލާނުކޮށްފައެވެ. އެފްބީއައި އިން އާންމުންނަށް އިންޒާރު ދީފައިވަނީ ގޯލްޑީ ބްރާރަކީ ހަތިޔާރު ގެންގުޅޭ ނުރައްކާތެރި މީހެއް ކަމަށާއި، އޭނާ ފެނުނު ނަމަވެސް ގާތްނުވުމަށެވެ. އަދި އޭނާ އުޅޭ ތަނަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ވަގުތުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް އެދިފައިވެއެވެ.