English Edition
Dhivehi Edition
އަލީ އިހްސާން ފޮޓޯ: މިނިސްޓްރީ

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އެ މާހައުލުން ދުރުކޮށް، ރަނގަޅު މަގަށް ގެނައުމަށް ސަރުކާރުން ހަދަން ނިންމާފައިވާ ރީހެބިލިޓޭޝަން ފެސިލިޓީ “ހޯޕް އައިލެންޑް” މާލެ ކައިރީ އޮންނަ މާގިރިފަޅުގައި ތަރައްގީކުރަން އެންމެ ފަހުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން “ސަންގު ޓީވީ”އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު އެންމެ ފުރަތަމަ ކުރިއަށްގެންދަން ނިންމީ ދ. ވާނީގައި ކަމަށްވިޔަސް، މާލެ ސަރަހައްދުން ބޭރުގައި އެފަދަ ތަނެއް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން އިޖުތިމާއީ ދާއިރާއިން މަސައްކަތްކުރާނެ މީހުން މާލެއިން ބޭރުން ހޯދުމުގެ ދަތިކަމާއި، ކުދިންނަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ މާލެ ގެނައުމަށް ގިނަ ވަގުތު ހޭދަވާނެތީ، މަޝްރޫއު މާލެ ސަރަހައްދަށް ބަދަލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ބިން ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، އުތުރުތިލަފަޅަކީ ވެސް މާލެއާ ދުރު ތަނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން، ދެން ބެލީ ގުޅިފަޅުން ޖާގަ ލިބޭތޯ ކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް ގުޅިފަޅުން އެކަށީގެންވާ ޖާގަ ނުލިބުމުން، އެންމެ ފަހުން ކަނޑައެޅީ ތިލަފުށި ކުރިމަތީގައި އޮންނަ މާގިރިފަޅު ކަމަށާއި، އެއީ މާލެއިން ލޯންޗުގައި ގާތްގަނޑަކަށް 10 މިނެޓުން ދެވޭހާ ކައިރި ސަރަހައްދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާގިރިފަޅު ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ފުރަތަމަ ފިޔަވަހި ނިންމައި ކުދިން އެތަނަށް ބަދަލުކުރުމެވެ. އަދި 2028 ވަނަ އަހަރުގެ ތެރޭގައި ބާކީ ހުރި ފިޔަވަހިތައް ވެސް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، މާގިރިފަޅުގެ މަސައްކަތް ނިމެންދެން، އަންނަ އަހަރުގެ ކުރީކޮޅު ދ. ވާނީގައި ފުލުހުންގެ ބެލުމުގެ ދަށުން މަދު ކުދިންކޮޅަކާއެކު މި ޕްރޮޖެކްޓުގެ “ޓެސްޓިން” މަރުހަލާއެއްގެ ގޮތުގައި އިންޓަވެންޝަން ޕްރޮގްރާމެއް ފަށާނެ ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ކުށުގެ ވެށީގައި އުޅޭ ކުދިން އުމުރުން 18 އަހަރު ވަންދެން ހޯޕް އައިލެންޑުގައި ބައިތިއްބައިގެން ތަރުބިއްޔަތު ކުރުމަށްފަހު، 18 އަހަރު ވުމުން އެސެސްމަންޓެއް ހަދައި މޮނިޓަރިންގެ ދަށުން މުޖުތަމައުއަށް ނެރުމާއި، އޭގެ ތެރެއިން ބައެއް ކުދިން ސިފައިންނާއި ފުލުހުންގެ ހިދުމަތަށް ރެކްރޫޓް ކުރުމެވެ.