English Edition
Dhivehi Edition
ފޮޓޯ: މިހާރު

ސްޓޭޓްފާމާއިން މިހާރު ކުރިއަށްގެންދާ މަސައްކަތްތައް ހަމަ އެ ދުވެލީގައި ކުރިއަށް ގެންދެވިއްޖެނަމަ، އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ޒިންމާ އެސްޓީއޯގެ އަތުން ބަދަލުކޮށް ސަރުކާރުން އުފެއްދި ސްޓޭޓްފާމާގެ ބޭސް ގުދަނުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހުގެ މައްސަލަ މިހާ ބޮޑަށް ގޯސްވީ ޒަމާނުއްސުރެ ސަޕްލައި ޗެއިނަށް ދޭންޖެހޭ މުހިންމުކަން ނުދެވި އޮތުމުން ކަމަށެވެ. އެހެންކަމުން، މިދިޔަ އޮގަސްޓް މަހު ކުންފުންޏާ ހަވާލުވެވަޑައިގަތުމަށްފަހު، ސަޕްލައި ޗެއިން ޒަމާނީ ކުރުމަށްޓަކައި އީއާރުޕީ ސޮފްޓްވެއާއާއި، މުޅި ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ވަގުތުން ބަލައިލެވޭނެ ނިޒާމުތައް ގާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސް ގެނައުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހު ވިދާޅުވީ ބޭހަކީ އެހެން މުދަލާ ހިލާފަށް ވަރަށް ބޮޑަށް ރެގިއުލޭޓްކޮށް، ވަކި ފިނިހޫނުމިނެއްގައި ގެންނަންޖެހޭ އެއްޗެއްކަމަށެވެ. އަދި ބޭސް އުފައްދާ ކާރުޚާނާތަކުގައި އަބަދު ބޮޑެތި ސްޓޮކްތައް އުފައްދާފައި ނުހުންނާތީ، އޯޑަރު ދިނުމަށްފަހު ބޭސް ލިބުމަށް ވަކި މުއްދަތެއް (ލީޑް ޓައިމެއް) ނަގާކަން ފާހަގަކޮށް ޝާހު ވިދާޅުވީ ސްޓޭޓްފާމާއިން 5،000 އަށްވުރެ ގިނަ ވައްތަރުގެ ބޭސް އެތެރެކުރާއިރު، އެކި ބޭސްތަކުގެ މުއްދަތު ހަމަވާ ތާރީޚު ތަފާތުވުމުން އޯޑަރު ޖެހުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށވެެ.

ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި 600 އަށްވުރެ ގިނަ ބާވަތުގެ ބޭސް އެތެރެކޮށްފައިވާ ކަމަށާއި، ނަމަވެސް އެ އަދަދުން އަދި ނުފުދޭތީ ހުސްވަމުންދާ ބޭސްތަކުގެ ސްޓޮކް އާ ކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އާންމުކޮށް ބޭނުންވާ ބޭސްތައް ހަމަކޮށް، އަންނަ އަހަރަށް ބޭނުންވާ ބޭސްތައް ގެނައުމަށް ކަމަށްވެސް ޑރ. ޝާހު ވިދާޅުވިއެވެ.

ބޭސް ފިހާރަތަކުން ބޭސް ނުލިބުމާއި، އާސަންދަ ކަވަރު ނުކުރާ ބޭސްތައް އަމިއްލަ ޖީބުން ބޮޑު އަގުގައި ގަންނަން ޖެހުމަކީ މިހާރު އާންމު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ޑރ. ޝާހު ވިދާޅުވީ މިހާރު މަސައްކަތް ކުރާ ދުވެލީގައި ކުރިއަށް ދެވިއްޖެނަމަ، އަންނަ އަހަރުގެ ކުރީކޮޅު އާންމުންނަށް އޭގެ ހެޔޮ ބަދަލު ފެނި، ބޭނުންވާ ބޭސްތައް ބަރާބަރަށް ލިބެން ހުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.