English Edition
Dhivehi Edition
މުހައްމަދު މިންހާޖު

މީގެ ހަތަރު އަހަރު ކުރިން ކަނޑަށް ގެއްލުނު ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖް (28 އަހަރު) މަރުވެފައިވާ ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައިފިއެވެ.

މިންހާޖް ގެއްލިފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު މާލެއިން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ލޯންޗަކުންނެވެ. މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ. އޮކްޓޯބަރު 5 ވަނަ ދުވަހުގެ މެންދުރު 13:00 އިން ފެށިގެން މިންހާޖުގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ އޮކްޓޯބަރު 6 ވަނަ ދުވަހުގެ ރޭ 20:50 ހާއިރުއެވެ. އަދި އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ.

މިންހާޖު ހޯދުމަށް އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ހިންގި ވަރުގަދަ އޮޕަރޭޝަނުގައި، ހަތަރު ދުވަހުގެ ތެރޭގައި ވައިގެ މަގުން 2,000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި ފާސްކުރި ނަމަވެސް، އޭނާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ. މިންހާޖުގެ ހަށިގަނޑު މިހާތަނަށް ފެނިފައި ނުވާތީ، އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހުކުރު ނަމާދަށްފަހު މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.