ރާއްޖޭގެ ރަށްތަކަށް ބޭނުންވާ ޒަރޫރީ ސިއްހީ ސާމާނާއި ލެބޯޓްރީ ސާމްޕަލްތައް އުފުލުމަށް ޑްރޯން ޑެލިވަރީގެ ހިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ދަށުން، ހެލްތު މިނިސްޓްރީން ސްޓޭޓް ފާމާއަށް ދެ ޑްރޯން ހަދިޔާކޮށްފިއެވެ.
ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ޕައިލެޓް ފޭސް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވަކި ހާއްސަ އަތޮޅެއްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ކުރިއަށްދަނީ ޑްރޯންތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ޓެކްނިކަލް އަޕްގްރޭޑްތައް ހެދުމާއި، ސަޕްލައިކުރި ކުންފުންޏާ ގުޅިގެން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން، ޑްރޯން ޖައްސާނެ ޕޮއިންޓްތަކާއި މައި ހަބުތައް ގާއިމުކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މި މަޝްރޫއު ފެށުމުގެ ކުރިން އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީ ފަދަ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ވަނީ ބާއްވާފައެވެ. މި ޑްރޯންތަކަކީ އެއްފަހަރާ 5 ކިލޯގެ ބަރުދަން އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. ބޭހާއި ކޮންޒިއުމަބަލްސް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ހާއްސަ ވަސީލަތްތައް މީ ޑްރޯންގައި ގާއިމުކޮށްފައިވެއެވެ.
މި ނިޒާމު ފެށުމުން ކުއްލި ހާލަތްތަކުގައި ބޭނުންވާ އިންޖެކްޝަންތަކާ، ލޭގެ ސާމްޕަލް ފަދަ ތަކެތި، ކަނޑުމަގުން ދާން ނަގާ ވަގުތަށްވުރެ އެތައް ގުނައެއް އަވަހަށް ކައިރި ރަށްރަށަށް ފޮނުވުމުގެ މަގު ފަހިވެ، ސިއްހީ ދާއިރާގެ ލޮޖިސްޓިކްސް ހިދުމަތްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ސްޓޭޓް ފާމާއިން ވަނީ ބުނެފައެވެ.