ރައްޔިތުންގެ ހިޔާލާއި ޝަކުވާތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ގެ ދެ ލައުންޖު މާލެއާއި ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފިއެވެ. މި ދެ ލައުންޖަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އުފެއްދެވި ސީސީބީގެ ދަށުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖެވެ.
ރައްޔިތުންނަށް ފަސޭހައިން ޒިޔާރަތްކޮށް ކަންބޮޑުވުންތައް ހުށަހެޅޭ ގޮތަށް ހުޅުވި ސީސީބީގެ މާލެ ލައުންޖު ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ގާއިމުކޮށްފައިވަނީ އުމަރު ޒާހިރު ބިލްޑިންގގެ ތިރީ ފަންގިފިލާގައެވެ. މި ލައުންޖުތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ހިދުމަތް ލިބޭނެއެވެ.
މާލެއާއި ހުޅުމާލެ ފޭސް 1 ގައި ސީސީބީގެ ލައުންޖުތައް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާއިރު، ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީސީބީގެ ލައުންޖެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް މަހުގެ 16 ވީ ބުރާސްފަތި ދުވަހުއެވެ. މި އޮފީހަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި އޮފީހެކެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށްގެން “ސިޓިޒަންސް ވޮއިސް” ގެ ނަމުގައި ވެބް ޕޯޓަލެއްވެސް ވަނީ އިފްތިތާހުކުރައްވާފައެވެ. މީގެ އިތުރުން، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރައްވާފައިވާއިރު، ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް އެ ސެންޓަރުގެ ހިދުމަތް ލިބޭނެއެވެ.