ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގައި މަނާކުރަނީ ހަމައެކަނި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން ކަމަށާއި، ދެ ގައުމެއްގެ ޕާސްޕޯޓު އޮންނަ މީހުންނާއި ވަކި ފިކުރެއް ނުވަތަ ދީނެއްގެ ބަޔަކު ރާއްޖެ އެތެރެވުން މަނާކުރާ ވާހަކައެއް އެ ބިލުގައި ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރުން ޒަޔަނިސްޓުންނަށް ރާއްޖެއަށް ނާދެވޭނެ ކަމަށް ވިދާޅުވި ނަމަވެސް، ބިލުގެ ހަގީގަތަކީ އެއީނޫންކަމަށެވެ. ބިލުގެ 46 ވަނަ މާއްދާގެ (މ) ގައި ރާއްޖެއަށް އެތެރެވުން މަނާކުރެވޭ ފަރާތްތަކަކީ ހަމައެކަނި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތައް ކަމަށާއި މި ބިލުން ޒައިނިސްޓުން އައުން މަނާނުވާކަމަށް ޒިޔާދު ވިދާޅުވިއެވެ.
މީގެއިތުރުން، މި މައްސަލައިގައި މީގެކުރިން ސަރުކާރުން ކަންކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޒިޔާދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރި ވާހަކަ ވިދާޅުވި ނަމަވެސް، ކުރިން އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާއަށް ހުށަހެޅި އިސްލާހުގައި އޮތީ އޮކްޓޯބަރު 7، 2023 ގައި ފެށި ހަމަލާތައް ހުއްޓާލުމާ ހަމައަށް އެކަނި ކަމަށްވާތީ، އެ މާއްދާ އުވާލުމުގެ ބާރު އޮތީ އިޒްރޭލުގެ ސަރުކާރުގެ އަތްމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.