English Edition
Dhivehi Edition
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން ފޮޓޯ: ރައްޔިތުންގެ މަޖިލީސް

2027 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓަށް ބަދަލެއް ނުގެނެސް ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި މެދުދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދުކުރެއްވިއިރު، ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ މި ނިންމުން ފާސްކޮށްފައެވެ. މެންބަރު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ އެއްވެސް އިދާރާއަކަށް ގާނޫނީ ވާޖިބު އަދާކުރުމަށް މާލީ ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން އެކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.

މި ބަޖެޓަކީ ހިނގަމުންދާ އަހަރާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު ތަފާސްހިސާބުތަކަށް ބަލާއިރު:

  • ޖުމްލަ ހަރަދު: 52.6 ބިލިއަން ރުފިޔާ (ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 9.8 ބިލިއަން ރުފިޔާ)
  • ޖުމްލަ އާމްދަނީއާއި ހިލޭ އެހީ: 43.2 ބިލިއަން ރުފިޔާ (މީގެ ތެރެއިން ޓެކުހުގެ އާމްދަނީއަކީ 33.6 ބިލިއަން ރުފިޔާ)
  • ބަޖެޓު ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
  • ޖުމްލަ ދަރަނި: 161.3 ބިލިއަން ރުފިޔާ (ޖީޑީޕީ ލަފާކުރަނީ 129.5 ބިލިއަން ރުފިޔާއަށް)

ކޮމިޓީ މަރުހަލާ ނިމިފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ބަޖެޓު ފާސްކުރުމަށް ވޯޓަށް އަހާނެއެވެ. މި ބަޖެޓަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.