English Edition
Dhivehi Edition
އަބްދުﷲ ޝާހިދު: ފޮޓޯ ޕޮލިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ނެރުނު ބަންދު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި ކަމަށާއި، ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުން ކަމަށް ހައި ކޯޓުން ބުނެފިއެވެ.

 

ސިއްރުކޮށްގެން މިއަދު ހެނދުނު ކުރިއަށް ގެންދިޔަ މި މައްސަލައިގެ އަޑުއެހުމާ ގުޅޭގޮތުން ހައި ކޯޓުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި މައްސަލައިގައި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން ބާއްވާނީ ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

 

މި މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ވެސް ހައި ކޯޓުގައި ތާވަލުކުރި ނަމަވެސް، އޭރު ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ އަޑުއެހުންތައް ނިންމާލި ނަމަވެސް، މި މައްސަލައިގެ ހުކުމް ކުރާނެ ވަކި ދުވަހެއް އަދި ތާވަލުކޮށްފައި ނުވާ ކަމަށް ހައި ކޯޓުން ވަނީ ހާމަކޮށްފައެވެ.

 

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

 

އެ މައްސަލައިގައި ޝާހިދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދުގެ ގޮތުގައި 30 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ. އަދި އޭނާ ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އެ އަމުރު، ޝާހިދުގެ ގާނޫނީ ވަކީލުން ހައި ކޯޓުގައި އިސްތިއުނާފުކުރީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.