އިސްލާމްދީނާއި، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ގަބޫލުކުރާ އުސޫލުތަކާ ހިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ދިވެހިރާއްޖޭގައި ނުހިންގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު ދެވޭނީ ހަމައެކަނި ދިވެހިން ގަބޫލުކުރާ ހަމަތަކަށް އިހްތިރާމްކުރާ ފަރާތްތަކަށް ކަމަށެވެ. އަދި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިން ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބުރޫ އަރާނޭ ކަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކޮށް، އެސްޓޭންޑެއްގައި މިސަރުކާރުން ހިފަހައްޓާފައިވާ ސްޓޭންޑެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް، ރައްޔިތުން އެކަން ބަލައިނުގަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ގެދޮރުވެރިކުރުމަށް ބަޖެޓުގެ ބޮޑު އިން ސައްތައެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރުކަމަށެވެ.