English Edition
Dhivehi Edition
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު: ފޮޓޯ މިހާރު

އަންނަ 2029 ވަނަ އަހަރު ރާއްޖޭގެ ދައުލަތުގެ ބަޖެޓް ޖީޑީޕީގެ ނިސްބަތުން އެއް ޕަސަންޓުގެ ސާޕްލަސްއަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު 2028 ވަނަ އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް ފަސް ޕަސަންޓަށް ވުރެ ކުޑަކުރުމަކީ އަމާޒެއް ކަމަށެވެ.

ރައީސް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސަންޓުގައި ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން ފުރަތަމަ އެކުލަވާލި 2025 ވަނަ އަހަރުގެ ބަޖެޓުގައި ހަރުދަނާ ފިސްކަލް މެނޭޖްމަންޓެއް ތަންފީޒުކޮށްގެން، ޑެފިސިޓް 3.6 ޕަސަންޓަށް ކުޑަކުރެއްވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އޭގެ ކުރީ އަހަރުގެ ބަޖެޓް އޭރު މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީން ފާސްކުރީ އާ ސަރުކާރަށް ކަންކަން ކުރަން ވީހާވެސް ދަތިވާނެ ގޮތަށް ކަމަށް ވެސް ރައީސް ތުހުމަތުކުރެއްވި އެވެ.

މި އަހަރުގެ މާޗު މަހު މެދުއިރުމަތީގައި ފެށުނު ބޮޑު ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި ޓޫރިޒަމަށް ލޮޅުންތަކެއް އައި ނަމަވެސް، އެ ގޮންޖެހުންތައް ސަރުކާރުން މެނޭޖްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ހާލަތާ އެކުވެސް، މި އަހަރު ނިމޭއިރު ބަޖެޓް ޑެފިސިޓް އެއް އަކުރުގެ އަދަދެއްގައި ނުވަތަ ގާތްގަނޑަކަށް 6.2 ޕަސަންޓުގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އެއީ ކުރީގެ ސަރުކާރާ އަޅައި ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އެދަނީ،” ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 59.7 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސަންޓެވެ. އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. އެއީ މި އަހަރަށް ލަފާކުރި 7.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުން ހަރަދުކުރުމަށް ކަނޑައަޅާފައިވާ 52.6 ބިލިއަން ރުފިޔާގެ ތެރެއިން 71.5 ޕަސަންޓް ނުވަތަ 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހަރަދެއްގެ ގޮތުގައި ކެޕިޓަލް ހަރަދަށް ކަނޑައަޅާފައިވަނީ 9.8 ބިލިއަން ރުފިޔާ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ފިޔަވައި، ފާއިތުވި 10 އަހަރު ވެސް ދައުލަތުގެ ބަޖެޓް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.