އައްޑޫ ސިޓީ ހިތަދޫގައި ޒަމާނީ ފެންވަރުގެ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ނޫރައްދީން އިންވެސްޓްމެންޓާ ދެމެދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތް މަސް ދުވަހުގެ ތެރޭގައި އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި މަސައްކަތް ނިމި، 2027 ވަނަ އަހަރުގެ ތެރޭގައި އެ ތަނުން ރަސްމީކޮށް ހިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވެއެވެ.
ތިން ބުރިއަށް އިމާރާތްކުރާ މި ކޮމްޕްލެކްސްގައި އެމްބިއުލާންސް ޕާކުކުރާނެ ޖާގައާއި، އުޅަނދުތަކުގެ ކުދި މަރާމާތުތައް ކުރާނެ ސަރަހައްދެއްގެ އިތުރުން ސިއްހީ ސާމާނު ރައްކާކުރާނެ ގުދަނެއް ހިމެނޭނެއެވެ. މީގެ އިތުރުން، އެމްބިއުލާންސް ޑިސްޕެޗް ކުރުމާއި ކޯލް ކޯޑިނޭޝަނަށް ހާއްސަ ބައެއްގެ އިތުރުން، ޑްރައިވަރުންނާއި ޓެކްނީޝަނުން އަދި އިދާރީ މުވައްޒަފުން މަސައްކަތްކުރުމަށް އެކަށޭނަ އޮފީސް ޖާގަތައް ވެސް މި އިމާރާތުގައި ގާއިމުކުރާނެއެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދެމުންގެންދާ އެމްބިއުލާންސްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމެވެ. ހާއްސަކޮށް، ބަލިމީހާ ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާ ދިނުމަށާއި، އެއްތަނުން އަނެއް ތަނަށް ބަލިމީހުން އުފުލުމުގައި މެދުކެނޑުމެއްނެތި ފަރުވާ ކުރިއަށް ގެންދިއުމަށް މި ކޮމްޕްލެކްސްގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.