ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ވެރިންނަށް އެކަން ކުރަން ކެރިވަޑައިނުގަނެ، ހަމައެކަނި ދީނީ އިލްމުވެރިންގެ ރުހުން ހޯދުމަށް ސަރުކާރުގެ ދައުރުގެ ފަހުކޮޅުގައި ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ގުރުއާނާއި ސުންނަތުން ސާބިތުވާ ގިސާސް ހިފުމުގެ ކަންކަމާ މެދު އިތުރު ބަހުސެއް އޮވެގެން ނުވާނެ ކަމަށެވެ. ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުން ވެސް މިފަދަ ވާހަކަދައްކާފައިވީ ނަމަވެސް، 1954 ވަނަ އަހަރުން ފެށިގެން މި އަދަބު ތަންފީޒުކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ބެލެހެއްޓުމަށް އުފައްދާ ހަތް މެންބަރުންގެ ޕެނަލުގައި މަޖިލިސް މެންބަރަކު ހިމެނޭއިރު، އެ މައްސަލައާ ގުޅޭގޮތުން އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކައިފިނަމަ ޕެނަލުން ވަކިވާ ގޮތަށް އޮތުމަކީ މެންބަރުންނަށް އޮތް ހުރަހެއް ކަމަށް ވިދާޅުވިއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމް މިއަދު އޮތީ އެންމެ އިންސާފުވެރިކޮށް މިފަދަ ބޮޑު ހުކުމެއް ތަންފީޒުކުރެވޭފަދަ ހާލަތެއްގައިތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ.
މިފަދަ ކަންކަން ކުރަންވާނީ ސިޔާސީ މަންފާއަށްޓަކައި ނޫން ކަމަށާއި، ހެޔޮ ނިޔަތުގައި، ފުރިހަމަ އިންސާފު ގާއިމުކުރެވޭނެ ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލުގައިވާ ގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމަކުންނާއި، ތަހުގީގު ފެށުނީއްސުރެ ޝަރީއަތް ނިމެންދެން ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިފައިވާކަން ކަށަވަރުވުމުން ކަމަށެވެ.