ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ފުރަތަމަ ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ފަށައިފި އެވެ.
މި މުހިންމު ހަރަކާތަކީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ހާމަކުރި ގޮތުގައި، މުޅި ރާއްޖޭގެ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށުން ޖުމްލަ 39 ފަރާތަކުން މި ބޯހިމެނުމުގައި ބައިވެރިވެ އެވެ.
ގައުމީ ފެންވަރުގައި އަލަށް ފެށި މި ބޯހިމެނުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގެ މުހިންމު ތަފާސްހިސާބުތައް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި މިއީ ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކާއި ދާއިރާގައި މަދުވާ ކަންކަން ދެނެގަތުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށް ވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، މި ބޯހިމެނުމުން ލިބޭ މައުލޫމާތުތަކުގެ އެހީގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިތުރުން ގައުމީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.