ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ހަރަކާތްތެރިވާ ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންއިފިއެވެ.
“ދިވެހީންގެ ބިން ދިވެހީންނަށް” ނަމުގައި އުފައްދާފައިވާ މި ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ހަރަކާތުގެ އިސް ސަފުގައި އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މި ހަފުތާގެ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވާ ޖަލްސާ ކުރިއަށްދާނީ “ރަތް ރޮނގު” ގެ ނަމުގައި ކަމަށެވެ. އަދި މި ޖަލްސާއަށް ހުޅުމާލެ އާއި މާލޭގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ގަދަ ވިއްސާރަ އާއި އެކި ފިއްތުންތަކާ އެކުވެސް އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުތުމުން އެ ހަރަކާތަށް އޮތް ތާއީދު ހާމަވެގެން ދިޔަކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި ސަރުކާރުން ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދާނަމަ، ރާއްޖޭގެ އެކި ރަށްތަކުން މީހުން މާލެ ގެނެސްގެން ޑިސެމްބަރު 4 ވާ ހުކުރު ދުވަހު ވަރުގަދަ ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލް ފާސްކުރުމަށް ވޯޓު ނުދެއްވުމަށް މަޖިލިސް މެންބަރުންނަށް އިމްރާން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ޖަލްސާ ކާމިޔާބުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކާއި އެކި ފަރާތްތަކުން ދީފައިވާ އެއްބާރުލުމަށް ގައުމީ ހަރަކާތުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.