English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މާލެ ވަޑައިގެންފިއެވެ.

“ޓްވާޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ” މި ޝިއާރުގެ ދަށުން މި މަހުގެ 10 ވަނަ ދުވަހު ފެށި މި ސަމިޓުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން އިންޓަނޭޝަނަލް މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ވައުދުތައް އަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެފަދަ ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ “ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް” ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ސަމިޓުގެ ހަވާސާގައި ރައީސްގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި އިންޓަނޭޝަނަލް ޖަމިއްޔާތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. މިއީ 2023 ވަނަ އަހަރުގެ ކޮޕް28 އާއި 2024 ވަނަ އަހަރުގެ ކޮޕް29 އަށްފަހު ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންނެވި ތިންވަނަ ކޮޕް ސަމިޓަށް ވާއިރު، މޫސުމީ މައްސަލަތަކުގައި އިންޓަނޭޝަނަލް ފެންވަރުގައި ވަކާލާތުކުރުމަށް މި ސަރުކާރުން ދޭ ހާއްސަ ސަމާލުކަން މިކަމުން ހާމަވެގެންދެއެވެ.