English Edition
Dhivehi Edition
އީގަލް ހިލްސް އިން ރާއްޖޭގައި އިންވެސްޓު ކުރުމާ ދެކޮޅަށް ބޭއްވި "ނޫނެކޭ" ޖަލްސާގައި ރައީސް ޔާމިން ވާހަަކަދައްކަވަނީ: ފޮޓޯ މިހާރު

 

ދީނީ އިލްމުވެރިން އެ ބޭފުޅުންގެ ޒިންމާ އަދާކުރައްވަން ބޭނުންފުޅު ނުވާ ނަމަ، ރުގްޔާ ކޮށްގެން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޔަކަށް އަޅުވައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، “ދިވެހީންގެ ބިން ދިވެހީންނަށް” މި ނަމުގައި ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން ދީނީ އިލްމުވެރިން ދައްކަވާ ވާހަކަތަކަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ، އިލްމުވެރިން އަސްލު މައްސަލައިގެ މަސްދަރުގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅު ނުވެ، ހައްތަހާ ވެސް ދައްކަވަމުން ގެންދަވަނީ އިގްތިސާދީ ވާހަކަތަކެއް ކަމަށެވެ. އަދި އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ބަސްބުނެ ވާހަކަދައްކަންވީ ދީނީ އިލްމުވެރިންތޯ ނުވަތަ އިގްތިސާދީ މާހިރުންތޯ ވިދާޅުވެ އެ މަނިކުފާނު ވަނީ ސުވާލު އުފައްދަވާފަ އެވެ.

މީގެ އިތުރުން، މި މައްސަލައިގައި ޔަހޫދީންނާ އެކީ ދިވެހީން ވަޒަންވެރިވެ، އެއްދާންކުރުމަކީ އިލްމުވެރިންނަށް މައްސަލައަކަށް ނުވަނީ ކީއްވެގެންތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ހުޅުމާލޭގައި ނުހެދި އޮތީ 5,000 ހައުސިންގ ޔުނިޓް އެކަނި ނޫން ކަމަށް ފާހަގަކުރައްވައި، އިލްމުވެރިން 5,000 ހައުސިންގ ޔުނިޓް ހަދައިދިނުމުގެ ވާހަކަ ދައްކަވާތީ އެ ކަމަށް ވެސް އެ މަނިކުފާނު ފާޑުވިދާޅުވި އެވެ.

“އަޅުގަނޑު ހަމަ އިލްމުވެރިންނަށް ދަންނަވާލަން އޮތީ، އެ ބޭފުޅުންގެ މަސައްކަތްޕުޅު، އެ ބޭފުޅުންގެ ޒިންމާ އަދި އެ ބޭފުޅުންގެ ވާޖިބު އަދާކުރައްވަން ބޭނުންފުޅު ނޫނިއްޔާ، ނަމަނަމަ އަޅުގަނޑުމެންނަށް ކަމެއް ކޮށްދެއްވާށޭ. ރުގްޔާ ކޮށްގެން ވެސް ރައީސް މުއިއްޒު ހަމަޔަކަށް އަޅުވައިދޭށޭ،” އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކާ ދިނުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ދިވެހިންގެ ހައްގުގައި ކުރާ މަސައްކަތްތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިއީ އެއްވެސް ގޮތަކަށް ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.