ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޓެކްސް ނުދައްކާ ފަރާތްތައް ގިނަވުމުގެ ފަހަތުގައި އޮތް މައިގަނޑު ސަބަބަކީ ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުން ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން އޮޑިޓާ ޖެނެރަލް ފާހަގަކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބިވާކަން ހިސާބުތަކުން ދައްކައެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ތެރެއިން ނުދައްކާ ހުރި ބިލުތަކުގެ ޖުމްލަ އަދަދު ހަތް ބިލިއަނާ ގާތްކުރެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި މި ފައިސާ ދެއްކުމަށް ހިމަނާފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕްރައިވެޓް ސެކްޓާއަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، ޓެކްސް ދެއްކުމުގެ އާދަ ދަށްވާކަމަށް މީރާއާ ހަވާލާދީ އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ. މި މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅާކެނޑޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.