ސަރުކާރުގެ ވިސްނުމަކީ ވަޒީފާތައް ބަހައިގެން ވޯޓު ހޯދުން ކަމަށާއި، ނަމަވެސް އެގޮތަށް ވަޒީފާ ބަހައިގެން މިހާތަނަށް އެއްވެސް ބަޔަކަށް ކާމިޔާބު ހޯދިފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ މިސްރާބު ހުރީ ވަޒީފާތައް ދީގެން ވޯޓު ހޯދުމަށް ކަމަށާއި ނަމަވެސް އެއީ ތާރީހުގައި ވެސް ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށެވެ. މީގެ ކުރިން 2023 ވަނަ އަހަރު އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ރިޔާސީ އިންތިޚާބުގައި ވަޒީފާ ބަހައިގެން ކާމިޔާބު ނުވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ބަޖެޓުގެ ތާފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ 70 އިންސައްތަ ހިއްސާކުރަނީ ރިކަރަންޓު ހަރަދު ކަމަށެވެ. އަދި އަންނަ އަހަރު މުސާރައިގެ ހަރަދަށް 14.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މިއީ މިއަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ސަރުކާރު މުވައްޒަފުންގެ އަދަދަކީ 48,936 ކަމުގައި ވީނަމަވެސް، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ އަދަދަށް 6,530 މުވައްޒަފުން އިތުރުވެ މިހާރު 55,466 އަށް އަރާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާކަން ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވޯޓު ހޯދުމުގެ ނިޔަތުގައި ސިޔާސީ ގޮތުން ބަހާ ވަޒީފާއަކީ ދެމެހެއްޓެނިވި ވަޒީފާއެއް ނޫން ކަމަށާއި، ހަގީގީ ދެމެހެއްޓެނިވި ވަޒީފާތަކަކީ އިގްތިސޯދީ ފުޅާ ހަރަކާތްތަކެއްގެ ތެރެއިން އުފައްދާ ވަޒީފާތައް ކަމަށެވެ.