English Edition
Dhivehi Edition
ދަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ ވަން އޮންލައިން

އެއްވެސް ހާލަތެއްގައި، އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނޭކަމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވައި، އެކަމުގައި ރާއްޖެއިން ނިންމާފައިވާ ނިންމުން ދިފާޢުކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސްމިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލްތަކަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައިގައި، އޮކްޓޯބަރު 7، 2023 އަށްފަހު އިޒްރޭލުން ހިންގަންފެށި ގަތުލްއާންމު ހުއްޓާލާ، ހާލަތު ބަދަލުވަންދެން އެގައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް އޮތް ނަމަވެސް، މިހާރު ހުށައަޅާފައިވާ ބިލުގައި އޮންނާނީ އެހާލަތަށް ރިއާޔަތް ނުކޮށް، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މުތުލަގަށް، ކަނޑައަޅާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލެއްކަމަށާއި، ރާއްޖޭގެ އިމުގެ ތެރެއަށް އެގައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތްވުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ހަމައެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ ސިޔާސަތާއި ސްޓޭންޑް ރާއްޖެއިން ބައިނަލްއަގްވާމީ އެކި މަންސަތަކުގައި، އެކި ފަހަރުމަތިން ނަގަހައްޓާ، ފަލަސްޠީނު ރައްޔިތުންގެ ހައްގުގައި އުފުލި އެކި ޤާނޫނީ ދަޢުވާތަކުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާނޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމައްސަލައިގައި، ރާއްޖޭގެ ސްޓޭންޑް މިހާތަނަށް ތަފާތުވެފައިނުވާ ކަމަށާއި، އެކަމަކީ ދިވެހި ރައްޔިތުންނަށް ހައްސާސް މައްސަލައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، އިމިގްރޭޝަނާބެހޭ އައު ބިލެއް ހުށަހެޅެނީ މިކަންކަމަށް ރިޢާޔަތްކުރެވި، ރާއްޖޭގެ ސްޓޭންޑް ސާފުކޮށް ބަޔާންކުރެވިގެންކަމުގައި ރައީސް ވިދާޅުވިއެވެ.