English Edition
Dhivehi Edition
ރައީސް މުއިއްޒު އައްޑޫއާ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ދައުލަތުގެ ދެމެހެއްޓެނިވި ތަރައްގީ ބައްޓަންވެފައިވަނީ ސަރަޙައްދީ ތަރައްގީގެ މައްޗަށްކަމަށާއި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރައްޔިތަކު އިސްތިސްނާނުކުރުންކަމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ގްރޭޓަރ މާލެ ރީޖަންގެ ތޮއްޖެހުމަށް އިޝާރާތްކުރައްވައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، މިސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ތަރައްޤީކަމަށާއި އެއަމާޒަށް ވާސިލުވުމަށް މާލެއަކީ ސެންޓްރަލް ޒޯނަށް ހެދުމަށްފަހު، އުތުރާއި ދެކުނުގެ ދެސަރަޙައްދެއްގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯން އަދި، ހަތް އާބަން ސެންޓަރު ޤާއިމްކުރާނެކަން އިޢުލާންކޮށް އެކަމުގެ އަމަލީ މަސައްކަތް ފެށިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ވައިގެ މަގުން، ޓްވިން އޮޓަރގެ އެހީގައި، ދެކުނުގެ ދަތުރުފަތުރުގެ ވިއުގަ މިހާރު ގުޅާލެވިފައިވާކަމަށާއި، އުތުރުގެ ދަތުރުފަތުރުގެ ވިއުގަ މިމޭރުމުން ގުޅުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ސަރަޙައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލުތަކާއި، ސްކޫލްތައް ގާއިމްކުރެވި، ރައްޔިތުންގެ ފަހި ދިރިއުޅުމަކަށް ބޭނުންވާ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރު ތަރުތީބުކުރެވެމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަން ތަންފީޒުވެ، ހިދުމަތްދެވެން ފެށުމުން، ރައްޔިތުންގެ އަމިއްލަ އިސްނެގުމަށް، އެސަރަޙައްދުތަކަށް މީހުން ބަދަލުވުމުގެ މަސައްކަތްތައްވެސް ފެށިގެންދާނޭކަމުގައި ރައީސް ވިދާޅުވިއެވެ.

މިފަދަ އެއްފަސްކުރުމުގެ ސިޔާސަތެއް ދަޢުލަތުން ތަންފީޒުކުރަމުންދާ އިރު، ކޮންމެ ރަށަކަށް ވަކި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން މަޝްރޫޢުތައް ހިންގަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން، ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރު، ފުލުހުންގެ ހިދުމަތް، އޭޓީއެމްގެ ހިދުމަތް، އަދި ހެލްތް ސެންޓަރުގެ ހިދުމަތް ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހިދުމަތްތައް ފޯރުކޮށްދެނީ، ގާނޫނު އަސާސީއިން ލިބިދޭ ހަމަހަމަކަމުގެ ހައްޤުގެ ދަށުން، އެއްވެސް ރައްޔިތެއް އިސްތިސްނާނުކުރެވޭ އުސޫލުގެ ދަށުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިއީ ރާވައިގެން، ރައްޔިތުންގެ ލާބައަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއްކަމުގަައި ރައީސް ވިދާޅުވިއެވެ. އަދި، މިފަދަ މަޝްރޫއުތައް ހިންގަމުން، ދެމެހެއްޓެނިވި ތަރައްގީއަށް، މެދު އަދި ދުރުރާސްތާގެ ތަރައްގީގެ އަމާޒުތައް ހާސިލްކުރުމަށް، އިންޓަގްރޭޓެޑް ޒޯން އަދި އާބަން ސެންޓަރުތައް އެންމެ މަތީ ފެންވަރަށް ތަރައްގީކުރެވޭނެ ކަމަށާއި އޭގެ ސަބަބުން މާލެ ސަރަޙައްދަށް މަޖުބޫރީ ޙާލަތުގައި ހިޖުރަކުރި ފަރާތްތަކުގެ އެ މަޖުބޫރީ ޙާލަތް އުވި، އަމިއްލަ ރަށުން ނުވަތަ ރަށާއި ކައިރި ސަރަޙައްދަކުން، ފަހި ދިރިއުޅުމެއް ލިބޭނޭ މަގު ތަނަވަސްވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.