އޮޅުވާލައިގެން މީހެއްގެ މެއިލް އެކައުންޓަށް ވަދެ، އެ މީހާގެ ބޭންކް އެކައުންޓުން 19،000 ރުފިޔާ ނެގި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ، ޢަލީ އިމްރާން އަދި ކ. މާލެ، ހ. މެލަވަހި، މުހައްމަދު ޝާހުގެ މައްޗަށެވެ. މި ހާދިސާ ހިނގާފައިވަނީ ޏ. ފުވައްމުލަކު މީހެއްގެ އީމެއިލް ކޮމްޕްރޮމައިޒްކޮށްގެންނެވެ. އޭގެ ފަހުން އެ މީހާގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން، ތިންވަނަ ފަރާތެއްގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެކައުންޓަކަށް 20،300 ރުފިޔާ ޖަމާކުރިއެވެ. އަދި އެ މީހާއަށް ގުޅައި، އެއީ އޮޅިގެން ޖަމާކުރެވުނު ފައިސާއެއް ކަމަށް ބުނެ، 1،300 ރުފިޔާ ބެހެއްޓުމަށްފަހު ބާކީ 19،000 ރުފިޔާ އަނބުރާ ފުވައްމުލަކު މީހާގެ އެކައުންޓަށް ފޮނުވަން އެދުނެވެ.
އެ ފައިސާ އަނބުރާ ޖަމާވުމާއެކު، ވަގުތުން އެ ފައިސާ މުޙައްމަދު ޝާހުގެ ބީއެމްއެލް އެކައުންޓަށް ޓްރާންސްފާކޮށް، ދެ މީހުން އެކުގައި އައިޖީއެމްއެޗް އޭޓީއެމް ކައިރިއަށް ގޮސް ފައިސާ ނަގާފައިވެއެވެ. ޝަރީއަތުގައި ދެ މީހުން ވެސް ދައުވާއަށް އިންކާރުކޮށް، އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމް އަޅުވަން މަސައްކަތްކުރި ނަމަވެސް، ފައިސާ ޖަމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކުގައި ގޮސް ފައިސާ ނަގާފައިވުމުން އެއީ ރާވައިގެން ހިންގި އަމަލެއްކަން ސާބިތުވާ ކަމަށް ގާޒީ މުޒައްމިލު ނާސިރު ފާހަގަކުރެއްވިއެވެ.
މީގެ ކުރިންވެސް ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާތީ، ބަންދުގައި ހޭދަކުރި 25 ދުވަސް އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހެނީ 11 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ. ބަންދުގައި ހޭދަކުރި 25 ދުވަސް އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހެނީ 8 މަހާއި 23 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން، ގެއްލުން ލިބުނު ފަރާތަށް ބަދަލުގެ ގޮތުގައި 19،000 ރުފިޔާ، 12 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ޝާހުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.