މިސަރުކާރުން ސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރު ނުކުރާނޭކަމަށާއި މިސަރުކާރުން ގާނޫނީ ހަމަހަމަކަން ދަމަހަައްޓަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ވަޒީރެއްގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާއި ގުޅިގެން، އެފަދަ ބާރުގަދަ ފަރާތްތަކުގެ މައްޗަށް ޤާނޫނު ނުހިނގާކަމަށް ދެކެވޭ ވާހަކަތަކާއިމެދު ނޫސްވެރިއަކު ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ސިޔާސީ ބޭނުމުގައި ހައްޔަރު ނުކުރާނޭކަމަށާއި މިހާތަނަށްވެސް އެފަދަ ކަމެއް ކޮށްފައިނުވާކަމަށެވެ. އަދި، އެފަދަ ޢަމަލުތަކަކީ ބަދަލުހިފުމުގެ ޢަމަލުތަކެއްކަމަށާއި އެކަމަކީ އެމަނިކުފާނު ނިމުމަކަށް ގެންނަވާފައިވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިމައްސަލައަކީ ވަރަށް ހައްސާސް މައްސަލައެއްކަމަށާއި މިފަދަ މައްސަލައެއްގައި، ތުހުމަތުވެވޭ ފަރާތަކީ ކޮންމެ ފަރާތަކަށްވީނަމަވެސް، ގާނޫނުގެ ބާރު ހިނގާނޭކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން، ގާނޫނު ތަންފީޒުކުރުމުގައި، އެއަމަލެއް ހިންގިކަމަށް ބެލެވޭ ފަރާތަކާއި މެދު ޑިއު ޕްރޮސެސް ހިންގޭނޭކަމަށާއި އެކަމަށް ދައުލަތުން ފުރުސަތު ދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ ކަންކަމަށް މިސަރުކާރުން އެއްވެސް ހުރަހެއް ނާޅާނޭކަމާއި އެއްވެސް ނުފޫޒެއް ނުފޯރުވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
“ރޫލް އޮފް ލޯ ތަންފީޒުކުރުން، ގާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން، މިހެންގޮސް މިހުރިހާކަމެއް އެއީ މިތަނުގައި ޔަޤީންކަން ލިބިފައިވާ ކަންކަންކަމުގައި ވާންޖެހޭނެ،” ކަމުގައި ރައީސް ވިދާޅުވިއެވެ.
އެއްވެސް ހާލަތެއްގައި އެއީ ސިޔާސީކަމެއް ނޫންކަމަށާއި ދުވަހަކުވެސް، ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކާއި ދޭތެރޭ ފިޔަވަޅެއް އެޅުން އެއީ މިއަދާއި ހަމައަށްވެސް ކުރެއްވިކަމެއް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.