މާލޭ މަގުމަތީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް ދިވެހި ފިރިހެނަކު ފެނި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:17 އެހައިކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ތަހުގީގު ޓީމުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް އެ މީހާ މަރުވާން މެދުވެރިވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.