English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް

ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކާ މެދު ތަފާތުކުރުމެއް ނޯންނާނެ ކަމަށާއި، ސިޔާސީ ބަދަލުހިފުމުގެ ސަގާފަތް މި ސަރުކާރުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ދައުވާކުރުމާއި، ބަދަލުހިފުމުގެ ނިމުމެއް ނެތް ސަގާފަތް ނިމުމަކަށް ގެނައުމަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެއް ކަމަށެވެ. އަދި އެ ވައުދާ އެއްގޮތަށް ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށް، އަދަބު ދިނުމަކީ ދުވަހަކުވެސް މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހާފައިވާ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ޝާހިދުގެ މައްޗަށް ކުރެވެނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. “މީ ވަރަށް ސީރިއަސް ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ކަމެއް. އެހެންވީމަ މިކަމުގަ މީ އޮފެންޑަރަކީ ކޮންމެ މީހަކަށް ވިޔަސް އެ މީހަކާ ދޭތެރޭގަ ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ،” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުށެއް ކުރި ކަމަށް ބެލެވޭ ކޮންމެ މީހަކާ މެދު ގާނޫނީ ހަމަތަކާއި އިޖުރާއަތްތައް ފުރިހަމަކުރުމުގެ ފުރުސަތު މުއައްސަސާތަކަށް ލިބެންޖެހޭނެ ކަމަށާއި، އެކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އަދި ގާނޫނުއަސާސީ ނަގަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި ސިޔާސީ ބޭނުމެއްގައި ފިޔަވަޅު ނޭޅި ނަމަވެސް ގައުމުގައި ގާނޫނުގެ ވެރިކަން ހިނގަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.