English Edition
Dhivehi Edition
ރައީސް މުއިއްޒު

އަބުރު ރައްކާތެރިކުރުމުގެ މުހިންމު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

އިސްލާމްދީނުގައި އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، ކޮންމެ މީހެއްގެވެސް އަމިއްލަ ނަފްސުގެ އިއްޒަތާއި އަބުރު ހިމާޔަތްކުރުމަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވި ތިންވަނަ ބިލެއްގެ ގޮތުގައި މި ބިލު ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މެދުވެރިކޮށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބިލަކީ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިދޭ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު އަމަލީގޮތުން ތަންފީޒުކުރުމަށް ހުށަހެޅުނު ބިލެކެވެ. އަދި އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް މަދަނީ މިންގަނޑުތަކުން ހައްގު އަދަބާއި ބަދަލު ހޯދައިދިނުން މި ބިލުގައި ހިމެނެއެވެ.

ވަކި ފަރާތަކާ މެދު ގަސްތުގައި ނުވަތަ ފަރުވާކުޑަކަމާއެކު ދޮގު ބަހެއް ބުނުމާއި، ދޮގު މައުލޫމާތެއް ދިނުމަކީ ކުށެއް ކަމަށް ބިލުގައިވެއެވެ. ވާހަކައަކުން، ލިޔުމަކުން، ފޮޓޯއަކުން ނުވަތަ ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށް މީހެއްގެ އަގު ވެއްޓޭ ގޮތަށް ދޮގު ފަތުރައި، މުޖުތަމައުގައި ނަފްރަތު އުފެދޭ ގޮތަށް އަމަލުކުރުމަކީ އަބުރަށް އަރައިގަތުން ކަމުގައި ކަނޑައެޅިގެންދާނެއެވެ.

މީގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފަރުދުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު އެކަށީގެންވާ ހަމަހަމަކަމެއް ގާއިމުކުރުމާއެކު، އަބުރާ ބެހެވުނު ފަރާތަކަށް ހަގީގަތް ހާމަކުރުމާއި، ރައްދު ދިނުމާއި، މައުލޫމާތު އިސްލާހުކޮށްދިނުމުގެ ހައްގު ލިބިދެއެވެ. އަދި ކުށްކުރި ފަރާތުން މައާފަށް އެދުމުގެ އުސޫލުތަކާއި، ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތައްވެސް މި ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި ދުލުން ބުނެލާ ބަހަކުން މީހުންގެ އަބުރު ކަތިލުމަކީ ކުޅޭކުޅޭ ކުޅިވަރެއް ނޫން ކަމަށާއި، އޭގެ ސަބަބުން އާއިލާތަކާއި މުއައްސަސާތަކުގެ އިތުރުން މުޅި ގައުމުގެ އަގުވެސް ވެއްޓިގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.