އެއްވެސް އިންސާނަކީ އޭނާއާ މެދު ތަގުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމައުން އެކަހެރިކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ގަދަރުކުރާ މުޖުތަމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި “ރިވެލި އެވޯޑު 2026” ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ އެވޯޑު ހާސިލުކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.
އެވޯޑު ހާސިލުކުރެއްވި ފަރާތްތަކަކީ އާދަޔާޚިލާފު ކުޅެދުންތެރިކަމާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމައުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެ ފަރާތްތަކާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ.އަދި މުޖުތަމައުގެ ނިޒާމުތައް ބައްޓަންވާންޖެހޭނީ ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުވާ ގޮތަށް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާނުގެ ޢަބަސަ ސޫރަތުގައިވާ ހާދިސާއަށް އަލިއަޅުއްވާލައްވަމުން، އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޚްތިރާމުކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މާޒީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، 2012 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ފެންވަރުގައި މިފަދަ ފަރާތްތަކުގެ ހުނަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި “ރިވެލި އެވޯޑު” ހާސިލުކުރެއްވި ބޭފުޅުންނާއި، “ސްޕެޝަލް ރިކޮގްނިޝަން ޓޯކަން” ޙާސިލުކުރެއްވި ފަރާތާއެކު ނެގުނު ހަނދާނީ ފޮޓޯތަކުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.