English Edition
Dhivehi Edition
މެޑަމް ސާޖިދާ މުހައްމަދު ޕާކިސްތާނުގެ ފަސްޓުލޭޑީއާ ބައްދަލުކުރެއްވުން

ސިއްހީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާއިން ރާއްޖެއާއި ޕާކިސްތާނުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގައި ދެ ގައުމުގެ ރައީސުންނާއި ފަސްޓް ލޭޑީން ވަނީ ވަކިވަކިން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތައުލީމު ކުރިއެރުވުމާއި، ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. ހާއްސަކޮށް ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ސިއްހީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު، އާންމު ސިއްހަތުގެ ދާއިރާއިންނާއި އަންހެނުންގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމަށް އަސީފާ ބުއްޓޯ ކުރައްވާ މަސައްކަތްޕުޅުތަކަށް މެޑަމް ސާޖިދާ ތައުރީފު ކުރެއްވިއެވެ.

މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ބާރުވެރިކުރުވުމުގައި ދެ ބޭފުޅުން އަދާކުރައްވާ ދައުރާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އަންހެނުންގެ ތައުލީމާއި އިގްތިސާދީ ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، މުހިންމު ދާއިރާތަކުގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމުގެ ފުރުސަތު ފުޅާކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ފަސްޓް ލޭޑީންގެ މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ޕާކިސްތާނުގެ ގުޅިފައިވާ އަމާޒުތައް ހާސިލުކުރުމަށާއި މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ނާޒުކު ފަރާތްތައް ކުރިއެރުވުމަށް ގާތުން މަސައްކަތްކުރުމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.