ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއް ނޫން ކަމަށާއި، އެއީ ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމައެއް ބިނާކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ފެށި ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންސާނާގެ ކަރާމާތާއި، އިންސާނީ ގުޅުންތަކާއި އަދި ކުރިމަގަށްޓަކައި ކުރާ އުއްމީދުތަކާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ. މީގެއިތުރުން ކޮންމެ ނަފްސާނީ މައްސަލައެއްގެ ފަހަތުގައި އެތައް ވާހަކަތަކެއްވާ ކަމަށާއި، އެކަންކަން ދެނެގަނެގެން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން އިންތިހާއަށް މުހިންމު ކަމަށް އެކަމަނާ ފާހަގަކުރެއްވި އެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ކުރިމަތިވާ ގޮންޖެހުންތައް އެއްގޮތްކަން ފާހަގަކުރައްވައި، ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ ސަބަބުން ސަރަހައްދުގެ ތަޖުރިބާކާރުން ގުޅިގެން ހައްލު ހޯދުމަށް ފުރުސަތު ލިބިގެންދާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި މި ކޮންފަރެންސްގެ މަޝްވަރާތަކާއި ދިރާސާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި މި ދާއިރާ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިކަން ބަދަލުކުރަން ޖެހޭ. ނަފްސާނީ ސިއްހަތަށް އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ބަދަލުގައި ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ބަލައިގަންނަ، ފާޑުކިޔުމުގެ ބަދަލުގައި ހަމްދަރުދީއަށް އިސްކަންދޭ، ތަފާތުކުރުމުގެ ބަދަލުގައި އެހީތެރިކަން އިސްކުރާ އަދި އެކަނިމާއެކަނި މި ވޭން ތަހައްމަލުކުރަން ނުޖެހޭ މުޖުތަމައުއެއް އަޅުގަނޑުމެން ބިނާކުރަން ޖެހޭ،” ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ސާޖިދާ ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހިދުމަތް ކުރައްވާ ސިއްހީ ހިދުމަތްތެރިންނަށާއި، މި ދާއިރާއިން މީހުން ބިނާކޮށް ދިރާސާތައް ހެދުމަށް ގައުމީ ޔުނިވާސިޓީން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރެވޭނީ ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރެވިގެން ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.