English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ނަފުސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައު ގެންގުޅޭ ވިސްނުމާއި ބަސްމަގު ބަދަލުކޮށް، ނަފުސާނީ ބަލިތަކާ ގުޅުވައިގެން ގެންގުޅޭ ނުބައި ތަސައްވުރުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ނަފުސާނީ ދަތިތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ ހަގީގީ އެހީތެރިކަމަކީ ކޮބައިކަން އެންމެ ފުރިހަމައަށް ބުނެދެވޭނެ ފަރާތްތައްކަން ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އެހީތެރިކަން ހޯދުމަށް ހިތްވަރުދީ، އެހީ ބޭނުންވާ ކޮންމެ މީހަކަށްމެ އެހީތެރިކަން ލިބެން ހުރިކަމުގެ ހޭލުންތެރިކަން މުޖުތަމައުގައި އިތުރުކުރަން ޖެހޭކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ ދުވަހަކުވެސް ގޭބިސީތަކާއި، މަދަރުސާތަކާއި، މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރެއިން ބައްޓަންވަމުން އަންނަ ކަމެއްކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، މިއީ އަޅުގަނޑުމެންނަށް ލިބޭ އަޅާލުމާއި ދިރިއުޅޭ މާހައުލުގައި ވަށައިގެންވާ މީހުންގެ ސަބަބުން ބައްޓަންވަމުންދާ ކަމެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، “އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައި، އެހީތެރިކަން ފޯރުކޮށްދޭ ގޮތުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަތުވެދާނެ” ކަމަށެވެ.

ނަފުސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ވިސްނުމާއި، އިހުސާސްތަކާއި އަދި އުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިގެންވުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 13 ޕަސަންޓު މީހުން ވަނީ ނަފުސާނީ ނުވަތަ ނިއުރޯލޮޖިކަލް ހާލަތަކަށް ހުށަހެޅިފައެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ޝިއާރަކީ “ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް” އެވެ.