ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އުނގަންނައިދިނުމުގެ ދާއިރާއަށް އަންނަ ޒަމާނީ ބަދަލުތަކަށް ޓީޗަރުން ހޭނުވުމަށް ތަމްރީނު ދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ފަސްޓްލޭޑީ ހިއްސާކުރެއްވި ޕޯސްޓުގައި، ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތަށްޓަކައި ޓީޗަރުން ވަމުންދާ ބޮޑެތި ގުރުބާނީތަކާއި ކުރަމުން އަންނަ މިންނެތް މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި އޯގާތެރިކަމާއެކު ދަރިންނަށް މަގުދައްކައިދީ، އަޅާލާ ހަރުދަނާ މުޖުތަމައެއް ބިނާކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ ޓީޗަރުން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ކްލާސްރޫމްތައް ޓެކްނޮލޮޖީއާއި އޭއައިގެ އާ ވަސީލަތްތަކާއެކު ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ކިޔަވައިދިނުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ޒަމާނީ އީޖާދުތަކާއި އުކުޅުތަކަށް ފަރިތަވެ، ފުރިހަމަ އިތުބާރާއެކު ދަރިވަރުންނަށް އުނގަންނައިދިނުމުގެ ގާބިލުކަން ހޯދައިދިނުމަށް ޓީޗަރުން ބާރުވެރިކޮށް، މަތީ ފެންވަރުގެ ތަމްރީނު ފޯރުކޮށްދިނުން މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކޮންމެ ދުވަހަކުވެސް ކްލާސްރޫމްތަކުގައި ޓީޗަރުން ފޯރުކޮށްދެއްވާ އޯގާތެރި ހިދުމަތްތަކަށް އެކަމަނާ ވަނީ ހިތުގެ އަޑިން ޝުކުރު އަދާކުރައްވާފައެވެ. ކްލާސްރޫމުގައި ދަރިވަރުންނަށް ދަސްކޮށްދޭ އަގުހުރި ފިލާވަޅުތަކުގެ އަސަރަކީ ހަމައެކަނި ސްކޫލުގެ ހަތަރު ފާރުން ނިމޭ އެއްޗެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ ތެރެއަށް ދެމިގެންދާ ފައިދާތަކެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މުޖުތަމައު ބިނާކުރުމުގައި ޓީޗަރުން އަދާކުރާ ބުރަ ދައުރުގެ އަގު އަބަދުވެސް ވަޒަންކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަން އޮތް ޖީލުތައް ބައްޓަންކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރައްވާ ހުރިހާ ޓީޗަރުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.