އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އައްޑޫ ހައިސްކޫލުގައި ބޭއްވި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު (އޯއެސްއެޗު) ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ މަސައްކަތުގެ މާހައުލުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް، ރައްކާތެރި އަދި ސިއްހަތަށް ފައިދާހުރި މާހައުލެއް ގާއިމުކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުންކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ދާއިރާތަކުގެ އިސްވެރިންނާއި، ލީޑަރުންނާއި، ސިއްހީ ހިދުމަތްތެރިން، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 120 މަންދޫބުން ބައިވެރިވިއެވެ. މި ކޮންފަރެންސްގައި 29 ސްޕީކަރުންނާއި ފެސިލިޓޭޓަރުން މައުލޫމާތު ހިއްސާކުރެއްވިއެވެ.
މި ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)، އެސްޓީއޯ ހެލްތު ކެއަރ ސޮލިއުޝަން، ދިރާގު އަދި ތާޒާއެވެ. މި ކޮންފަރެންސުން ލިބުނު މައުލޫމާތާއި އުނގެނުނު ކަންކަން އަމަލީ މައިދާނަށް ތަރުޖަމާކޮށް، ރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށް އަދި މުވައްޒަފަކަށް ރައްކާތެރި، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމުގައި ސާބިތުވެ ތިބުމަށް އޭއީއެޗުން ވަނީ ގޮވާލާފައެވެ.