ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުނި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ އިޒްރޭލާއި ޒަޔަނިސްޓުންނާ މިހާރު އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދީނީ އިލްމުވެރިންތަކަކާއެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ދީނީ އިލްމުވެރިން ވަނީ އަލައްބާރަކީ މާޒީގައި އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތްގުޅުމެއް ބޭއްވި އަދި ޔަހޫދީ އާއިލާތަކާއެކު މުސްލިމުންނަށް ވެސް އުޅެވެންޖެހޭނެ ކަމަށް ފާޅުގައި ވާހަކަދައްކަވާފައިވާ ބޭފުޅަކަށް ވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަޔަނިސްޓުންގެ މައްސަލައިގައި އޭނާއާ ސީދާ ސުވާލުކުރެއްވި ކަމަށާއި، އެފަދަ ގުޅުންތަކެއް އޮތީ މާޒީގައި ކަމަށާއި މިހާރު އެފަދަ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް އަލައްބާރު ވިދާޅުވި ކަމަށެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އަލައްބާރާމެދު އިދިކޮޅު ފަރާތްތަކާއި ދިވެހިންގެ ކަންބޮޑުވުން އުފެދުނީ، 2005 ވަނަ އަހަރު އިޒްރޭލުގެ އިސްވެރިންނާ އޭނާ ސިއްރަށް ބައްދަލުކުރައްވައި ގައްޒާގެ ބައެއް ބިންތައް ގަތުމަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވިސްނުން ގެންގުޅޭ ގައުމެއް ކަމަށާއި، ރާއްޖެއިން ޒަޔަނިސްޓުންނަށް ޕްރޮޕަޓީ ގަނެވިދާނެ ފަދަ އެއްވެސް ފުރުސަތެއް ފަހިވުމަކީ ދިވެހިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން އަލައްބާރަށް ސީދާ ދަންނަވާފައިވާނެ ކަމަށެވެ.
ލީކުވި އޯޑިއޯގައި މިނިސްޓަރު ވިދާޅުވީ، “މި މަޝްރޫއަކީ ނުފޫޒު ފޯރުވުމަށް ނުވަތަ ނާޖާއިޒު މާލީ ފައިދާއެއް ހޯދުމަށް ހިންގާ ކަމެއް ނޫން ކަމަށާއި، މި މަޝްރޫއާ ގުޅިގެން ސަރުކާރަށް ނުވަތަ އެއްވެސް މިނިސްޓަރަކަށް ހަދިޔާއެއްގެ ގޮތުގައިވެސް އެއްވެސް އެއްޗެއް ދީފައި ނުވާނެ” ކަމަށެވެ. އަދި ރާއްޖޭގައި ނުފޫޒެއް ނުވަތަ ހަންފެތުރުމުގެ އެއްވެސް ނިޔަތެއް އަލައްބާރުގެ ނެތް ކަމަށާއި، ޝައްކުތަކެއް އޮތްނަމަ އިލްމުވެރިން ސީދާ އަލައްބާރާ ވާހަކަ ދެއްކެވުމަށްވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
މީގެ އިތުރުން، އަލައްބާރުގެ އީމާރު ކުންފުނީގެ ހަރަދުގައި ފަލަސްތީނުގެ ގައްޒާގައި 20،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަސްމާލެ ހިލޭ ދޫކޮށްލަން މަސައްކަތްކުރަމުން ދާއިރު، މުސްތަގުބަލުގައި ލިބޭ އާމްދަނީން ކެނޑޭ އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އެޅުމަށް އަލައްބާރު އެއްބަސްވެވަޑައިގަތީ، އޭނާއަކީވެސް އެއް ކޮޓަރިއެއްގައި އަށް ބެއިންނާއެކު އުޅެ ބޮޑުވި ބޭފުޅަކަށް ވުމުން އާދައިގެ ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސްކުރެއްވޭތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.