English Edition
Dhivehi Edition
އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރި މައްސަލައިގައި، އަނިޔާ ލިބުނު ކުއްޖާގެ ޒާތީ މައުލޫމާތު އާންމުކުރަމުންދާތީ ޖެންޑާ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިނިސްޓްރީން ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ހަނދާންކޮށްދީ އެފަދަ އަމަލުތައް ނުހިންގުމަށް އަންގާފައެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ޒާތީ މައުލޫމާތާއި ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ކަމަށެވެ. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާ ޝާހިދު، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 3 ވަނަ ދުވަހު ވަނީ ޝަރީއަތް ނިމެންދެން 30 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. ނަމަވެސް ބަންދުކުރުމުގެ ކުރިން ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަޅުވައިގެން އުޅޭ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އަލިއަޅުވާލައި މިނިސްޓްރީން ބުނީ، ކުޑަކުދިންނަކީ އާއިލާ އާއި މުޖުތަމައު އަދި ދައުލަތުގެ ފަރާތުން ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށެވެ. އަދި ކުށުގެ ޝިކާރައަކަށްވާ ކުދިންނާއި ކުށުގެ ތުހުމަތުކުރެވޭ ކުދިންގެ އިތުރުން ހާއްސަ ރައްކާތެރިކަން ބޭނުންވާ އެއްވެސް ކުއްޖެއްގެ ޒާތީ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިއުކުރުމަކީ ކުށެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ކުއްޖާގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަން އަދި އެއީ ކޮން ކުއްޖެއްކަން ދެނެގަނެވޭނެ އެއްވެސް މައުލޫމާތަކާއި ފޮޓޯ ނުވަތަ ވީޑިއޯ އާންމުކުރުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީން ހަނދާންކޮށްދިނެވެ. އަދި ވަކި ކަމަކާމެދު އާންމުން ދެކޭގޮތަށް ނުފޫޒު ފޯރުވުމަށް ކުއްޖާގެ މައުލޫމާތު އާންމުކުރުމަކީ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ، މިފަދަ މައްސަލަތަކުގައި މުޅި މުޖުތަމައު ވެސް ޒިންމާދާރުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.