ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރި ނަމަވެސް، ވައި އާދައިގެ މިންވަރެއްގައި ހުރެ ކަނޑުތައް މާ ބޮޑަށް ގަދަ ނުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މި ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން ދަނީ މޫސުމީ ވިއްސާރައެއް ކަމަށެވެ. ކުރިއަށް އޮތް ތިން ދުވަހު ވާރޭ ވެހުނު ނަމަވެސް ވައިގެ ބާރުމިން ހުންނާނީ އާދައިގެ ވަރެއްގައި ކަމަށާއި، އެހެންކަމުން ކަނޑުތައް މާ ބޮޑަށް ނުބިހެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ގުގުރައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރު ފަހު 14:45 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން ކޮޅުމަޑުލާ ދެމެދުގެ ސަރަހައްދަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މި މަހުގެ މޫސުމަށް ބަލާއިރު، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އެހެން އަހަރުތަކަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް މެޓުން ބުންޏެވެ. އެހެން ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވެހޭ ވާރޭ މި މަހުގެ އާދައިގެ މިންވަރަށް ވުރެ މަދުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން، މި މަހުގެ ތެރޭގައި މުޅި ރާއްޖޭގައި ވެސް އެންމެ މަތީ ފިނިހޫނުމިނާއި އެންމެ ދަށު ފިނިހޫނުމިން އާދައިގެ މިންވަރަށް ވުރެ މަތިވާނެ ކަމަށް މެޓުން ބުންޏެވެ. ނަމަވެސް ކަނޑުތައް މާ ބޮޑަށް ގަދަ ނުވާނެތީ އާންމު ދަތުރުފަތުރަށް ބޮޑު ހުރަހެއް ނެތް ކަމަށް ބެލެވެއެވެ.