English Edition
Dhivehi Edition
މޫސުން ގޯސް ދުވަހެއް

ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖު އެލާޓު ނެރުމާ ގުޅިގެން، މި އެލާޓު ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރުތައް ނުކުރުމަށް ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ބޯކޮށް ވާރޭވެހޭނެއެވެ. މި ހާލަތާ ގުޅިގެން އެމްއެންޑީއެފުން ވަނީ ކަނޑުދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ، ޔެލޯ އެލާޓް ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ފަރާތަކުން ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޑައިވިންނާއި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދީ، މިފަދަ ވަގުތުތަކުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ވަނީ އެދިފައެވެ.

ކޮންމެހެން ދަތުރެއް ކުރަންޖެހިއްޖެ ހާލަތެއްގައި ވެސް، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން، އަންގަންޖެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ބަރުނުކުރުމަށާއި، ހުރިހާ ވަގުތެއްގައި ވެސް ލައިފްޖެކެޓު އަޅައިގެން ދަތުރުކުރުމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށް، ލައިސަންސްތައް ވެސް ރަނގަޅަށް ބެހެއްޓުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.