English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް

ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުމަށްޓަކައި، ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދާއި ހިތްވަރުން މިއަދު ވެސް ފިލާވަޅުތަކާއި އިބުރަތް ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ މެސެޖެއްގައި، އެމަނިކުފާނު ވަނީ ފަޚުރުވެރި ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސུލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަދު ހެނދުނު ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ނެގުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ރަސްމިއްޔާ،ވަރަށް ކުލަގަދަގޮތަކަށް ފެށިފައިވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާއަތުގެ ފަތިސް ނަމާދުންނެވެ.

ނަސްރުގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ޓެރަރިސްޓް ހަމަލާ ނާކާމިޔާބުވެ، ދިވެހި އަސްކަރިއްޔާއާއި ރައްޔިތުން ދެއްކި ނަމޫނާ ހަނދާންކޮށް އާކުރުމުގެގޮތުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. އެ ދުވަހުގެ ހަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 ބޭފުޅަކު ވަނީ ޝަހީދުވެފައެވެ.