ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނެއް ނުދައްކައިގެން، ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓް ހިމެނޭހެން ހެވީލޯޑް ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން އަނެއްކާވެސް އެ ބޭންކަށް ހުއްދަ ދީފިއެވެ.
މި މައްސަލައިގައި ވިއްކާލުމުގެ ހުއްދަ ކޯޓުން ދީފައިވަނީ ރަހާ ރިސޯޓް ހިންގަމުން އަންނަ ލ. ފަރެސް އާއި ކުޑަފަރެސްގެ އިތުރުން، އެ އަތޮޅު ބޮޑުހުރާއެވެ. ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މި ރަށްރަށުގެ ތެރެއިން ބޮޑުހުރާއަކީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ. މި ތިން ރަށުގެ ވެސް ހެޑް ލީޒްގެ މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުގައެވެ.
ހެވީލޯޑަށް ދޫކުރި 170 މިލިއަން ރުފިޔާގެ ލޯނު ނުދައްކައިގެން މީގެ ކުރިންވެސް އެ ރަށްތައް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށްފައެވެ. ސިވިލް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަލުން މި އަމުރު ނެރުނީ، ރަށްތައް ވިއްކާލުމަށާއި ބީއެމްއެލްއިން އެދުނު އަގުތަކަށް ހެވީލޯޑް ކުންފުނިންވެސް އެއްބަސްވުމާ ގުޅިގެންނެވެ.
ކޯޓުގެ އަމުރުގައި ކަނޑައަޅާފައިވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރަށްތައް ވިއްކާލުމަށެވެ. އެގޮތުން ފުރަތަމަ މަހު ރަށްތައް ވިއްކުމަށް ފަށާ އަގަކީ 46 މިލިއަން ޑޮލަރެވެ. އެ މުއްދަތުގައި ނުވިކިއްޖެނަމަ ދެވަނަ މަހު 40 މިލިއަން ޑޮލަރަށް އަދި ތިންވަނަ މަހު ފަށާ އަގަކީ 38 މިލިއަން ޑޮލަރު ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ލޯނުގެ ރަހުނުގައި ހިމެނޭ މި ރަށްތަކުގެ މިލްކުވެރިންނަކީ ހެވީލޯޑް ކުންފުންޏާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ތިން ދަރިންނެވެ. ހެވީލޯޑް ކުންފުނީގެ މައިގަނޑު ހިއްސާވެސް އޮންނަނީ މޫސަ އަދި އޭނާގެ ދަރިންގެ އަތުގައެވެ.