English Edition
Dhivehi Edition
އދ. ކުޑަރަށް ތިލައިގައި ޑައިވަރުންތަކެއްގެ މެދުގައި މާރާމާރީއެއްހިންގަނީ

 

އދ. އަތޮޅު “ކުޑަރަށް ތިލަ” ޑައިވް ސައިޓްގައި 18 މީޓަރު އަޑީގައި ޑައިވަރުންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައި، މީހެއްގެ ފީނާ މާސްކާއި ރެގިއުލޭޓަރު ނައްޓުވާލަން މަސައްކަތްކޮށްފިއެވެ. މި ހާދިސާގައި ހަމަލާދީފައިވަނީ ޗައިނާގެ ސްކޫބާ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޝިއާއޯ ޑޫ އަށެވެ.

2019 އިން ފެށިގެން ޑައިވް ކުރަމުން އަންނަ ޑޫ ބުނި ގޮތުގައި، މި ހަމަނުޖެހުން ފެށުނީ ފިރިހެން ޑައިވަރަކު އޭނާއާ ކައިރިވެ، ކުއްލިއަކަށް ކޮއްޕާލައި އަދި އަތުން އިޝާރާތްތަކެއް ކުރުމުންނެވެ. އަދި އޭނާ ދުރަށް ފަތައިގަންނަން އުޅުމުން، އިތުރު ފިރިހެނަކު އައިސް އޭނާގެ އަތުގައި ހިފެހެއްޓުމުން ރައްކާތެރިވުމުގެ ގޮތުން ފައިން ޖަހަން ޖެހުނު ކަމަށް ޑޫ ވަނީ ބުނެފައެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ތިން މީހަކު ވެގެން އޭނާ ވަށާލައި، ފީނާ މާސްކާއި ރެގިއުލޭޓަރު ނައްޓުވާލަން އުޅުނު ކަމަށް ޑޫ ތުހުމަތުކުރެއެވެ. އަދި ޑައިވް ނިންމާލުމަށްފަހު ދޯންޏަށް އެރުމުން ވެސް ދޯނީގައި ތިބި ބަޔަކު ވަނީ އޭނާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ. ޑޫ ސިފަކުރި ގޮތުގައި މިއީ ކަނޑުއަޑީގައި އޭނާ މަރާލަން ދިން ހަމަލާއެކެވެ.

“އަހަރެން ތިމީހުން ގާތަކަށް ނުދަން، ތިމީހުން އަމިއްލައަށް އަހަރެންގެ ގާތަށް އައީ. ތިމީހުން އުޅުނީ އަހަރެންގެ ގައިގައި ހިފަހައްޓަން، އަހަރެންގެ އަނގަޔަށް ލައްވާ މައުތުޕީސް އަތުލަން، އަދި އަޑީގައި އަހަރެން މަރާލަން. އެކަކާ ދެކޮޅަށް ތިން މީހުން އެއީ ވަރަށް ނުބައި ކަމެއް،” ޑޫ ބުންޏެވެ.

ޗައިނާގެ ނޫހަކަށް މައުލޫމާތު ދެމުން ޑޫ ބުނެފައިވަނީ މި މައްސަލަ ދިވެހި ފުލުހުންނަށް ހުށަހަޅާނެ ކަމަށާއި އަދި އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) އިން ވަނީ ފުރިހަމަ އަދި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއަށް ގޮވާލާފައެވެ.