English Edition
Dhivehi Edition
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

 

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

 

ފުލުހުން ބުނި ގޮތުގައި އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 21:59 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ.

 

ޝާހިދު ހައްޔަރުކުރުމަށް ފުލުހުން އޭނާ ދިރިއުޅުއްވާ ގެއަށް ވަންކަން މީޑިއާތަކުން ރިޕޯޓުކުރުމާއެކު، އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް “އެކްސް” ގައި ޕޯސްޓެއް ކުރައްވާފައެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އެ ޕޯސްޓު ކުރެއްވިތާ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުންނެވެ.

 

އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، އޭނާގެ އަގުވައްޓާލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އޭނާ ވަނީ އެންމެހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑު ތުހުމަތެއްގައި ޝާހިދު ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ ހާރިޖީ ސިޔާސަތާއި، ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި، އަދި އިންޓަނޭޝަނަލް ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.