މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަކުދިންގެ މެދުގައި ފައިސާ ރައްކާކުރުމުގެ އާދަ އަށަގަންނުވައި، މާލީ އަހުލުވެރިކަން އިތުރުކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
“ގްރޯވިންގް ވިތް ބިންގާ ބިންގާ ޗެމްޕްސް” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ، 2024 ނޮވެމްބަރު މަހު ތައާރަފްކުރި އެމްއައިބީގެ ބިންގާ ހިދުމަތުގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮމޯޝަނުގައި ގަވާއިދުން ފައިސާ އެއްކޮށް، މާލީ އަހުލުވެރިކަން އިތުރުކުރަން މަސައްކަތްކުރާ 3 ކުއްޖަކު ހޮވައި، ކޮންމެ ކުއްޖަކަށް އައިޕެޑަކާއި ހާއްސަ ހަނދާނީ ލިޔުމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މިހާރު ވެސް ބިންގާ އެކައުންޓް ބޭނުންކުރަމުން އަންނަ ކުދިންނަށެވެ.
އެމްއައިބީ ބުނީ ބެލެނިވެރިންނަށް އެމްއައިބީގެ ޑިޖިޓަލް މީޑިއާ ޗެނަލްތަކާއި އައުޓްލެޓްތަކުގައި ހުންނަ ކިއުއާރު ކޯޑު މެދުވެރިކޮށް ކުދިން ނޮމިނޭޓް ކުރެވޭނެކަމަށާއި ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ ފަހަރަކު ކަމަށެވެ. ނޮމިނޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. ކުޑަކުދިންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ބިންގާ އެކައުންޓްގެ ދަށުން، ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުންކުރެވޭ ބިންގާ ޓީއާރްއެކް، ބިންގާ ސޭވް އަދި ބިންގާ އިންވެސްޓް ހިމެނޭހެން 3 އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ލިބިގެންދެއެވެ.